ATJ

 

ސުޕްރީމް ކޯޓު

ސުވާލު: ސުޕްރީމް ކޯޓަކީ ކޮބާ؟

ޖަވާބު: ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ "ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމް ކޯޓަށާއި، ހައި ކޯޓަށާއި، އަދި ޤާނޫނަކުން ކަނޑައަޅާފައިވާ ދަށުކޯޓުތަކަށެވެ" މިފަދައިންނެވެ. މިގޮތުގެ މަތީން ހަމަ އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، ސުޕްރީމް ކޯޓަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތެވެ. ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތްކަމުގައިވާ އުއްތަމަ ފަނޑިޔާރެވެ. ޤާނޫނު އަސާސީގެ 145 ވަނަ މާއްދާގައި ބުނާ ގޮތުން، ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި ޤާނޫނަކުން ކަނޑައަޅާ ޢަދަދެއްގެ ފަނޑިޔާރުންގެ މައްޗަށެވެ. މިގޮތުން ކަނޑައަޅާ ފަނޑިޔާރުންގެ ޢަދަދު އޮނަހިރި ޢަދަދަކަށް ވާންވާނެކަމުގައިވެސް ބަޔާންކޮށްފައިވެއެވެ. އަދި ސުޕްރީމް ކޯޓުން ބަލާ މައްސަލަތައް ނިންމާނީވެސް އޮނަހިރި ޢަދަދެއްގެ ފަނޑިޔާރުން އެކުލެވޭ މަޖްލިހަކުންނެވެ.

ސުވާލު: ސުޕްރީމް ކޯޓުން ބަލާނީ ކޮންކަހަލަ މައްސަލަތަކެއް؟

ޖަވާބު: ސުޕްރީމް ކޯޓުން ބަލާނީ ދެބާވަތެއްގެ މައްސަލަތަކެެވެ. އެއީ؛ (1) ދުސްތޫރީ މައްސަލަތަކާއި، (2) އިލްތިމާސްކުރެވޭ މައްސަލަތަކެވެ. މިގޮތުން ޤާނޫނު އަސާސީއާއި ޤާނޫނު މާނަކުރުމުގައްޔާއި، ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުން ވާނީ އެންމެ ފަހުގެ ނިންމުންކަމުގައެވެ.

ސުވާލު: ދުސްތޫރީ މައްސަލަތަކަކީ ކޮބާ؟

ޖަވާބު: ދުސްތޫރީ މައްސަލަތަކަކީ، ޤާނޫނު އަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިޔަސް މާނަކުރާންޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބަލާ މައްސަލަތަކާއި، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤަވާޢިދުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއްވިޔަސް ޤާނޫނު އަސާސީއާ ޚިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމާންޖެހިއްޖެ ކޮންމެ މައްސަލައެކެވެ.

ސުވާލު: އިލްތިމާސްގެ މައްސަލަތަކަކީ ކޮބާ؟

ޖަވާބު: އިލްތިމާސްގެ މައްސަލަތަކަކީ، ހައިކޯޓުން ނިންމާފައިވާ ޤަޟިއްޔާއެއް ނުވަތަ އެކޯޓުން ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ވިޔަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޝަރުޢީ އުޞޫލަކާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހެދިފައިވާ ޤަވާޢިދަކާ ޚިލާފުވާނަމަ، އެކަން ފާހަގަކޮށް، ކަމާބެހޭ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތަކެވެ. މީގެ އިތުރުން ޤާނޫނު އަސާސީގެ 282 ވަނަ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ މައްސަލަތައް ކޯޓުން ބަލައިގަންނާނެއެވެ. އެމައްސަލަތަކަކީ، (1) ހައި ކޯޓުން ނިމިފައިވާ މައްސަލަތަކުގެ ތެރެއިން ޤާނޫނު އަސާސީ (2008) އަށް ޢަމަލުކުރާންފެށި ތާރީޚުކަމަށްވާ 07 އޯގަސްޓް 2008 އާއި ސުޕްރީމް ކޯޓު އުފެއްދުނު ތާރީޚުކަމަށްވާ 21 ސެޕްޓެމްބަރ 2008 އާދެމެދު އިސްތިއުނާފުކުރުމުގެ ފުރުސަތު ގެއްލިފައިވާ މައްސަލަތައް. (2) ޤާނޫނު އަސާސީ (2008) އަށް ޢަމަލުކުރާންފެށި ތާރީޚުކަމަށްވާ 07 އޯގަސްޓް 2008 އާއި ސުޕްރީމް ކޯޓު އުފެއްދުނު ތާރީޚުކަމަށްވާ 21 ސެޕްޓެމްބަރ 2008 އާދެމެދު ހައި ކޯޓުން ނިންމާފައިވާ މައްސަލަތައް.

ސުވާލު: ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ހަމައެކަނި ސުޕްރީމް ކޯޓުން ބެލޭ ބާވަތުގެ އެއްވެސް މައްސަލައެއްވޭތަ؟

ޖަވާބު: ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ހަމައެކަނި ސުޕްރީމް ކޯޓަށް ހުށަހެޅޭނެ މައްސަލަތައްވަނީ ބަޔާންކޮށްފައެވެ. އެމައްސަލަތަކަކީ، (1) ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠު ފުރިހަމަވާކަމާމެދު ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަތައް. (2) ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނާނޭކަމަށް އިޢުލާންކުރެވޭ މީހެއްގައި ހުންނަންޖެހޭ ޝަރުޠު ފުރިހަމަވާކަމާމެދު ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަތައް. (3) ރައީސުލް ޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގައި ދިމާވާ ކަމަކާމެދު ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަތައް. (4) ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާމެދު ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަތައް. (5) ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ބެލުމުގައި ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަތައް. (6) މެމްބަރަކު މަޤާމުން ވަކިކުރާންޖެހިއްޖެތޯ ބެލުމުގައި ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަތައް. (7) މެމްބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަތައް. (8) ޤާނޫނު އަސާސީގެ 258 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރާ ޤަރާރުގެ ނުވަތަ އެ ޤަރާރުން ބައެއްގެ ޞައްޙަކަމާމެދު ނުވަތަ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ހަދާ ޤާނޫނަކާމެދު ނުވަތަ ނެރޭ އަމުރަކާމެދު ސުވާލު އުފެދިއްޖެ ޙާލަތެއްގައި އެކަމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ހުށާހަޅާ މައްސަލަތައް. މިއެވެ.

ސުވާލު: ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ މުއްދަތަކީ ކޮބާ؟

ޖަވާބު: (1) އެ މައްސަލައަކީ، ހައި ކޯޓުން ނިމިފައިވާ މައްސަލަތަކުގެ ތެރެއިން ޤާނޫނު އަސާސީ (2008) އަށް ޢަމަލުކުރާންފެށި ތާރީޚުކަމަށްވާ 07 އޯގަސްޓް 2008 އާއި ސުޕްރީމް ކޯޓު އުފެއްދުނު ތާރީޚުކަމަށްވާ 21 ސެޕްޓެމްބަރ 2008 އާދެމެދު އިސްތިއުނާފުކުރުމުގެ ފުރުސަތު ގެއްލިފައިވާ މައްސަލައެއްނަމަ ސުޕްރީމް ކޯޓު އުފެއްދިތާ 60 ދުވަސް. (2) އެމައްސަލައަކީ، ޤާނޫނު އަސާސީ (2008) އަށް ޢަމަލުކުރާންފެށި ތާރީޚުކަމަށްވާ 07 އޯގަސްޓް 2008 އާއި ސުޕްރީމް ކޯޓު އުފެއްދުނު ތާރީޚުކަމަށްވާ 21 ސެޕްޓެމްބަރ 2008 އާދެމެދު ހައި ކޯޓުން ނިންމާފައިވާ މައްސަލައެއްނަމަ ސުޕްރީމް ކޯޓު އުފެއްދިތާ 90 ދުވަސް. (3) ހައިކޯޓުން ނިންމާފައިވާ ޤަޟިއްޔާއެއް ނުވަތަ އެކޯޓުން ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ވިޔަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޝަރުޢީ އުޞޫލަކާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހެދިފައިވާ ޤަވާޢިދަކާ ޚިލާފުވާނަމަ، އެކަން ފާހަގަކޮށް، ކަމާބެހޭ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލައެއްނަމަ އެ ނިންމުމެއް ނިންމިތާ 60 ދުވަސް. (4) މަތީގައި ބަޔާންކުރެވުނު މުއްދަތު ފާއިތުވުމަށްފަހުވެސް، އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއް ހުށަހަޅައިފިނަމަ އެކަމެއްގެ އިލްތިމާސް ޤަބޫލު ކުރުމުގެ އިޚްތިޔާރު ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.

ސުވާލު: ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނީ ކިހިނެތް؟

ޖަވާބު: ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުން ނުވަތަ މި ފޯމާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ ލިޔުމަކުންނެވެ. ކޯޓަށް މައްސަލަ ހުށަހަޅާ ފޯމު ސުޕްރީމް ކޯޓުންނާއި ކޯޓުގެ ވެބް ސައިޓުން www.supremecourt.gov.mv ލިބެން ހުންނާނެއެވެ.

ސުވާލު: ސުޕްރީމް ކޯޓުން މައްސަލަ ބަލައިގަތުމަށް އެއްވެސް ފީއެއް ނަގާނެތަ؟

ޖަވާބު: ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ކޯޓުގެ ޤަޟިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭނީ -/500 ރ (ފަސްސަތޭކަ ރުފިޔާ)ގެ ފީއެއް ދެއްކުމުންނެވެ.

ސުވާލު: ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ އަޑުއެހުން ތާވަލުކުރެވޭނީ ކޮން އިރަކު؟

ޖަވާބު: ސުޕްރީމް ކޯޓުގެ ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތީން މައްސަލަ ހުށަޅާފައިވާނަމަ، އެ މައްސަލައެއް ވީ އެންމެ އަވަސް ފުރުސަތެއްގައި ތާވަލުކުރުމަށް ކޯޓުން ސަމާލުކަން ދޭނެއެވެ. މިގޮތުން ދަޢުވާ ފޯމު ދަޢުވާކުރާ ފަރާތުން ހުށަހެޅުމުން ދަޢުވާގެ ޖަވާބު ފޯމު ހުށަހެޅުމަށް ދަޢުވާ ލިބޭ ފަރާތަށް 7 ދުވަހުގެ މުއްދަތު ދެވޭނެއެވެ. އަދި ދަޢުވާގެ ޖަވާބު ފޯމު ލިބުމާއެކު އެ މައްސަލައެއްގެ އަޑުއެހުން ތާވަލުކުރެވެން އޮތް އެންމެ އަވަސް ތާރީޚެއްގައި އަޑުއެހުން ބޭއްވުމަށް ތާވަލުކޮށް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އަންގާނެއެވެ. ދަޢުވާ ލިބޭ ފަރާތަށް ދަޢުވާގެ ޖަވާބު ފޯމު ހުށަހެޅުމަށް 7 ދުވަހުގެ މުހުލަތު ދިނުމަށްފަހު 10 ދުވަހުގެ ތެރޭގައި ދަޢުވާ ލިބޭ ފަރާތުން ދަޢުވާގެ ޖަވާބު ފޯމު ހުށަނާޅައިފިނަމަވެސް އެ މައްސަލައެއްގެ އަޑުއެހުން މަތީގައި ބުނެވުނު ފަދައިން ތާވަލުކުރެވޭނެއެވެ.

ސުވާލު: ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ޙުކުމްކުރާނީ އެމައްސަލައެއް ހުށަހަޅާތާ ކިތައް ދުވަހުގެ ތެރޭގައި؟

ޖަވާބު: އުސޫލެއްގެ ގޮތުން ކޯޓަށް ހުށަހެޅޭ ހުރިހާ މައްސަލައެއްވެސް ވީ އެންމެ އަވަސް ފުރުސަތެއްގައި ބަލާ ނިޔާ އިއްވުމަށް ކޯޓުން ސަމާލުކަން ދޭނެއެވެ. ނަމަވެސް މައްސަލައިގެ ބާވަތު އެކި މައްސަލަތައް ބެލުމަށް ނަގާ މުހުލަތު ތަފާތުވާނެއެވެ.

ސުވާލު: މައްސަލައިގެ ޙުކުމް ލިބޭނީ ކޮން އިރަކު؟

ޖަވާބު: ކޮންމެ މައްސަަލައެއްގައިވެސް ޙުކުމް ކުރެވޭ ދުވަހު ނުވަތަ ޙުކުމްކުރާތާ އެންމެ ގިނަވެގެން 3 ދުވަހުގެ ތެރޭގައި ޤަޟިއްޔާގެ ޙުކުމް ނުވަތަ ޚުލާސާ ރިޕޯޓް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބޭނެއެވެ.

ސުވާލު: ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ފަރާތެއް ކޯޓަށް ޙާޟިރުވުމަށް ޢުޒުރުވެރިވާފަދަ ކަމެއް ދިމާވެއްޖެނަމަ ހަދާނީ ކިހިނެތް؟

ޖަވާބު: ކޯޓަށް ޙާޟިރުވުމަށް އަންގާފައިވަނިކޮށް ޙާޟިރުވެވެން ނެތް މަޤުބޫލު ސަބަބެއް މެދުވެރިވެއްޖެނަމަ އެކަން ކޯޓަށް ޙާޟިރުވުމަށް އަންގާ އަމުރުގައި ޙާޟިރުވުމަށް އަންގާފައިވާ ގަޑީގެ މަދުވެގެން 1 ގަޑިއިރުކުރިން ކޯޓަށް ލިޔުމަކުން އަންގަންވާނެއެވެ. އަދި އެއީ މަޤުބޫލު ސަބަބެއްނަމަ ކޯޓުން އެޢުޒުރު ޤަބޫލުކުރާނެއެވެ.

ސުވާލު: މައްސަލައެއް ކޯޓުގައި ހިނގަމުންދަނިކޮށް ކުއްލިކަމެއް ދިމާވެ ރަށުން ބޭރަށް ފުރަންޖެހިއްޖެނަމަ ހަދާނީ ކިހިނެތް؟

ޖަވާބު: ކޯޓުގައި މައްސަލައެއް ހިނގަމުންދަނިކޮށް ކުއްލި ކަމެއް މެދުވެރިވެ ރަށުން ބޭރަށް ދާންޖެހިއްޖެނަމަ، ކޯޓަށް އެކަން ލިޔުމަކުން އެންގުމަށްފަހު ކޯޓުގެ ހުއްދަ ލިބިގެނެވެ.

ސުވާލު: މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ހޯދަން ބޭނުންވެއްޖެނަމަ ހަދާނީ ކިހިނެތް؟

ޖަވާބު: މައްސަލައިގައި ހިމެނޭ ފަރާތަކުން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ބޭނުންވެއްޖެނަމަ އެކަން ކޯޓަށް ލިޔުމަކުން ހުށަހަޅާނީއެވެ. އަދި ކޯޓުން ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓް ދޫކުރާނީ "އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނު" އާއި އެއްގޮތްވާ ގޮތުގެ މަތީން 20 ރުފިޔާގެ ސްޓޭމްޕެއް ޖެހުމަށްފަހުއެވެ.

ސުވާލު: ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި ފަނޑިޔާރުން ސަމާލުކަން ދޭނެ ކަންތައްތަކަކީ ކޮބާ؟ އަދި މައްސަލަތައް ނިންމުމުގައި ފަނޑިޔާރުންގެ ދައުރަކީ ކޮބާ؟

ޖަވާބު: ފަނޑިޔާރުން މައްސަލަތައް ބެލުމުގައި ޢަމަލުކުރާނީ ޤާނޫނު އަސާސީއާ ޤާނޫނުގައިވާ ގޮތަށެވެ. އަދި މައްސަލަތައް ނިންމާނީ ވަކި ފަރާތަކަށް ބުރަނުވެ ޢަދުލުވެރިކަމާ އިންސާފުވެރިކަމާއެކުގައެވެ. މިގޮތުން ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޤާނޫނު އަސާސީގައި އިސްތިސްނާކޮށްފައިވާ ޙާލަތްތައް ފިޔަވައި އެހެން ހުރިހާ ޙާލަތެއްގައި، ކޯޓުގެ ޝަރީޢަތްތައް ހިންގާނީ އެކަށީގެންވާ މުއްދަތެއްގައި ޢާއްމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުންނެވެ. ހަމައެހެންމެ، ހުޅުވާނުލާ ހިންގާ ޝަރީޢަތަކާބެހޭ ގޮތުން ފިޔަވައި، ކޯޓުން ނެރޭ ހުރިހާ އަމުރުތަކާއި ޙުކުމްތައް އިއްވާނީވެސް ޢާންމުކޮށް ހުޅުވާލެވިފައިވާ މަޖިލީހެއްގައެވެ. ސުޕްރީމް ކޯޓުން ނިންމާ ހުރިހާ މައްސަލަތަކަކީވެސް އޮނަހިރި ޢަދަދެއްގެ ފަނޑިޔާރުންގެ މަޖިލީހަކުން ނިންމާ މައްސަލަތަކަކަށްވުމާއެކު، ކޮންމެ މައްސަލައެއްވެސް ނިންމާނީ އެމައްސަލައެއް ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް އެމައްސަލައެއް ނިންމުމަށް ބުރަވާ ގޮތަކަށެވެ.

ސުވާލު: ކޯޓުގައި ހިންގާ ހުރިހާ ޝަރީޢަތަކީވެސް ހުޅުވާލެވިގެން ހިންގާ ޝަރީޢަތްތަކެއްތަ؟

ޖަވާބު: ކޯޓުގެ ޝަރީޢަތްތައް ހިންގާނީ ޢާންމުކޮށް ހުޅުވާލައިގެންނެވެ. އަދި ކޯޓުން ނެރޭ ހުރިހައި އަމުރުތަކާއި ޙުކުމްތައް އިއްވާނީ ޢާންމުކޮށް ހުޅުވާލެވިފައިވާ މަޖިލީހެއްގައެވެ. ނަމަވެސް ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް މެދުވެރިވެއްޖެނަމަ، އެފަދަ އަޑުއެހުމެއް ބާއްވާނީ ޢާންމުކޮށް ހުޅުވާނުލައެވެ. އެ ސަބަބުތަކަކީ؛ (1) މުޖުތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުން، ނުވަތަ މުޖުތަމަޢުގެ އަމަންއަމާންކަން ޤާއިމުކުރުން، ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ބުރޫ އެރިޔަ ނުދިނުން، (2) ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދީންގެ މަޞްލަޙަތު ޙިމާޔަތްކުރުން، ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަޞްލަޙަތު ރައްކާތެރިކުރުން، (3) ޢާންމުކޮށް ހުޅުވާލައިގެން ޝަރީޢަތް ހިންގައިފިނަމަ، ޢަދުލު އިންސާފު ޤާއިމުކުރުމަށް އެޅިދާނެ ހުރަހަކުން މިންޖުވުން. މިއެވެ.

ސުވާލު: ކޯޓުގެ ނިންމުމެއްގެ މަޢުލޫމާތެއް ބޭނުންވެއްޖެނަމަ އެމަޢުލޫމާތު ލިބޭނީ ކިހިނެތް؟

ޖަވާބު: ކޯޓުން ޢާންމުކޮށް ހުޅުވާލައިގެން ހިންގާ ޝަރީޢަތެއް ނިމުނުގޮތާއި އަދި ހުޅުވާލެވިފައިވާ މަޖިލީހެއްގައި ނެރޭ އަމުރުތައް ހޯދުމަށް އެދި ކޯޓަށް ހުށަހެޅުމުން، ކޯޓުން ޢާންމުކުރާ ލިޔުމުގެ ކޮޕީއެއް ލިބޭނެއެވެ. ހަމައެފަދައިން މިލިޔުންތައް ކޯޓުގެ ވެބް ސައިޓުންވެސް ލިބެން ހުންނާނެއެވެ.

ސުވާލު: ކޯޓަށް ހުށަހެޅޭ މައްސަލަތަކާބެހޭ ގޮތުން މީޑިއާއަށް މަޢުލޫމާތު ދިނުމުގައި ކޯޓުން ގެންގުޅޭ އުސޫލަކީކޮބާ؟

ޖަވާބު: ކޯޓަށް ހުށަހެޅޭ ވަކިވަކި މައްސަލަތަކާބެހޭ ގޮތުން ކޯޓުން މީޑިއާއަށް މަޢުލޫމާތެއް ނުދޭނެއެވެ. ނަމަވެސް ކޯޓުގައި އެދުވަހަކު ބޭއްވުމަށް ހަމަޖެހިފައިވާ މައްސަލަތަކުގެ ތާވަލު ކޯޓުގެ ނޯޓިސް ބޯޑުން ފެންނަން ހުންނާނެއެވެ. އަދި އެއިން މައްސަލައެއްގެ މަޢުލޫމާތު މީޑިއާއަށް ބޭނުންވާނަމަ، އެ ޝަރީޢަތެއްގެ އަޑުއެހުމަށް ވަނުމުގެ ފުރުސަތު މީޑިއާއަށް ލިބޭނެއެވެ. ނަމަވެސް މީޑިއާގެ ފަރާތުން އަންނަ މީހުންވެސް ޝަރީޢަތުގެ މަޖިލީހަށް ވައްދާނީ ޢާންމުން ޝަރީޢަތުގެ މަޖިލީހަށް ވެއްދުމުގެ އުސޫލާ އެއްގޮތަށް ނަން ނޯޓުކުރުމަށްފަހުއެވެ. މީޑިއާގެ ފަރާތްތަކުން އެއީ މީޑިއާގެ ފަރާތުން އަންނަ މީހެއްކަން އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ.

ސުވާލު: ކޯޓަށް ހުށަހެޅި ކުރިއަށްދާ ޝަރީޢަތަކާބެހޭ މަޢުލޫމާތު ހާމަކުރުމުގައި މީޑިއާއިން ސަމާލުކަން ދޭންޖެހޭ ކަންތައްތަކަކީ ކޮބާ؟

ޖަވާބު: ހިގަމުންދާ ޝަރީޢަތަކާ ބެހޭގޮތުން މީޑިއާއިން މަޢުލޫމާތު ޢާއްމުކުރަންވާނީ ތެދުވެރިކަމާއި އިންސާފުވެރިކަމާއެކުގައެވެ. އެހެންނަމަވެސް އަންނަނިވި ޙާލަތްތަކުގައި އެމަޢުލޫމާތެއް ޢާންްމުކުރުމަކީ މަނާކަމެކެވެ. (1) ޢާންްމުކުރާ މަޢުލޫމާތަކީ ޢަމަލުކުރެވެމުންދާ އެހެން ޤާނޫނަކުން ނުވަތަ ޤަވާޢިދަކުންްް މަނާކުރާކަމަކަށްވުން. (2) ކޯޓަށް ލިބިފައިވާ ބާރުގެ ދަށުން މަޞްލަޙަތު ރައްކާތެރިކުރުމަށްޓަކައި، ޝަރީޢަތަކާ ބެހޭ އެއްވެސް މަޢުލޫމާތެއް ޢާންްމުކުރުން ކޯޓުން މަނާކޮށްފައިވުން. (3) ކޯޓުގައި ހިގަމުންދާ ޝަރީޢަތަކީ މަސްލަޙަތަށްޓަކައި އާންމުކޮށް ހުޅުވާލެވިފައިނުވާާ ޝަރީޢަތަކަށްވުން. (4) ޤައުމީ ސަލާމަތާ ގުޅުންހުރި ސިއްރު މަޢުލޫމާތަކާާ ބެހޭގޮތުން ހިންގޭ ޝަރީޢަތަކަށްވުން. (5) ޝަރީޢަތުން ވަކި ސަބަބަކާހުރެ މައްސަލައަކާ ގުޅޭގޮތުން ކަމެއް ޢާންްމުކުރުން މަނާކަން އަންގާފައިވުން.

ސުވާލު: ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޝަރީޢަތެއް އަޑުއަހަން ޢާންމުންގެ މީހަކަށް ވަދެވިދާނެތަ؟

ޖަވާބު: ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ހުޅުވާލެވިގެން ހިންގާ ޝަރީޢަތުގެ މަޖިލީހެއްގައި ބަލާ މައްސަލައެއްނަމަ، އެފަދަމައްސަލައެއްގެ އަޑުއެހުމަށް ޝަރީޢަތުގެ މަޖިލީހުގައި ޖާގަ އޮތް މިންވަރަކުން ޢާންމުންނަށްވެސް ވަދެވޭނެއެވެ. ނަމަވެސް މިގޮތަށް އަޑުއަހަން ވަދެވޭނީ އެއަޑުއެހުމެއް ތާވަލުކުރެވިފައިވާ ގަޑީގެ އެއް ގަޑިއިރު ކުރިން ކޯޓަށް ޙާޟީރުވެ ނަންނޯޓުކުރުމަށްފަހުއެވެ. ނަން ނޯޓުކުރަން އަންނަ އިރު އެމީހަކީ ކާކުކަން އަންގައިދޭ ރަސްމީ ފޮޓޯޖެހި ލިޔުމެއް ގެންނަންވާނެއެވެ.

ސުވާލު: ޝަރީޢަތުގެ މަޖިލީސް އަޑުއަހަން ވަންނަ މީހުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކަކީ ކޮބާ؟

ޖަވާބު: ޝަރީޢަތުގެ މަޖިލީސް އަޑުއަހަން ޙާޟިރުވާ އެންމެހައި ފަރާތްތައް ކޯޓުގެ ޙުރުމަތާ އެކަށީގެންވާ ގޮތަށް ޢަމަލުތައް ބެހެއްޓުމަށާއި ކޯޓަށް ޙާޟިރުވުމަށް އެކަށީގެންވާ ހެދުމެއް އެޅުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި އެއްވެސް ޙާލެއްގައި ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ޢަމަލެއް އެއްވެސް ފަރާތަކުން ކުރުމަކީ މަނާކަމެކެވެ.

ސުވާލު: ކޯޓަށް ޙާޟިރުވުމަށް އެކަށީގެންނުވާ ހެދުމަކީ ކޮބާ؟

ޖަވާބު: ކޯޓަށް ޙާޟިރުވުމަށް އެކަށީގެންނުވާ ހެދުމެއް ކަމުގައި ބަލާނީ "ކޯޓަށް ޙާޟިރުވާ ފަރާތްތައް އަޅަންޖެހޭ ހެދުމާއިބެހޭ ޤަވާޢިދު" އާ ޚިލާފުވާ ކޮންމެ ހެދުމެކެވެ. މިގޮތުން، (1) ކޯޓަށް ޙާޟިރުވާ ކޮންމެ މީހަކުވެސް ހުންނަންވާނީ ކާކުކަން އެނގޭފަދަ ހެދުމެއް އަޅައިގެންނެވެ. (2) ކޯޓަށް ޙާޟިރުވާ ފަރާތްތަކުން ނިވާކަން ކުޑަ ހެދުން، ކުރު ސޯޓު، ގިރުވާން ނުހުންނަ ޓީޝާޓް، ޓްރެކްސޫޓް، އަދި އެކަށީގެން ނުވާފަދަ އިބާރާތް ލިޔެފައި ހުންނަ ހެދުން އެޅުމަކީ މަނާކަމެކެވެެ. (3) ކޯޓަށް ޙާޟިރުވާ ފަރާތްތައް އިސްލާމްދީނާއި ޚިލާފު ޝިޢާރުތައް ރަމްޒުކޮށްދޭފަދަ ހެދުން ލުމާއި، އެފަދަ ގަހަނާތައް ހަށިގަނޑުގެ އެއްވެސް ތަނެއްގައި އެޅުމަކީ މަނާކަމެކެވެެ. (4) ހަމަ އެހެންމެ، ކޯޓަށް ޙާޟިރުުވުމަށް އެކަށީގެންނުވާކަމަށް ކޯޓުން އަންގާ ކޮންމެ ހެދުމެއް އެޅުމަކީ މަނާކަމެކެވެެ. ނަމަވެސް ސަރުކާރުން ކަނޑައަޅާފައިވާ އެކި ޔުނީފޯމުގައި ތިބެންޖެހޭ ފަރާތްތައް ޙާޟިރުވާނީ އެމީހަކު މަޤާމުގެ ހައިސިއްޔަތުން ލާންޖެހޭ ޔުނީފޯމެއްގައެވެ. ކޯޓަށް ޙާޟިރުވުމަށް އެކަށީގެންނުވާ ހެދުމެއްގައި އަންނަ މީހަކު ކޯޓަށް ވަނުން މަނާ ކުރެވޭނެއެވެ.

ސުވާލު: ކޯޓުގެ ޙުރުމަތް ކެނޑުމަކީކޮބާ؟

ޖަވާބު: އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމަކާމެދު ބުނާ ބުނުމަކުން ނުވަތަ ލިޔާ ލިޔުމަކުން ނުވަތަ ކުރާ އިޝާރާތަކުން ނުވަތަ ފެންނަގޮތަށް ކުރާ ޙަރާކާތަކުން ނުވަތަ އެނޫންވެސް ގޮތަކުން ކޯޓުތެރޭގައި ނުވަތަ ކޯޓުން ބޭރުގައިވިޔަސް ކޯޓަށް ރައްދުވާގޮތަށް ކަމެއް ކުރުމަކީ ކޯޓުގެ ޙުރުމަތް ކެނޑުުމެވެ. 1) ކޯޓާ ބެހޭ ގޮތުން ނުބައި ތަޞައްވަރެއް ދިނުން ނުވަތަ ދޭން މަސައްކަތް ކުރުން. 2) ކޯޓުގައި ހިނގަމުންދާ ޝަރީޢަތަކަށް ހުރަސް އެޅުން ނުވަތަ ހުރަސް އަޅަން މަސައްކަތްކުރުން. 3) ހިނގަމުންދާ ޝަރީޢަތެއްގައި ނުވަތަ މައްސަލައެއްގައި ފަނޑިޔާރަކު އިންސާފުވެރިކޮށް މައްސަލަ ނިންމުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ޢަމަލެއް ކުރުން. 4) ކޯޓުން ކުރާ ޙުކުމަކަށް، ނުވަތަ ނެރޭ އަމުރަކަށް ނުވަތަ މިނޫންގޮތަކަށްވެސްް ކޯޓުން އަންގާ އެންގުމަކާ ޚިލާފުވާގޮތަށް ޤާނޫނާ ޚިލާފަށް ޤަސްދުގައި ކަމެއް ކުރުން. 5) ޝަރީޢަތަށް ޙާޟިރުވެ ޝަރީޢަތެއްގައި ދޭންޖެހޭ ހެކިބަހެއް ދިނުމަށް ނުވަތަ ހެއްކެއްގެ ހައިސިއްޔަތުން ޝަރީޢަތަށް ބޭނުންވާ މަޢުލޫމާތެއް ދިނުމަށް އިންކާރުކުރުން. 6) ޢަދުލު އިންސާފު ޤާއިމުކުރުމަށް ދަތިކުރުން، ނުވަތަ ދަތިކުރަން މަސައްކަތްކުރުން. 7) ޝަރީޢަތުގެ މަޖިލީހުގައިި ފަނޑިޔާރަކު ކުރާ އަމުރަކަށް ނުކިޔަމަންތެރިވުން. 8) ކޯޓަށް ނުވަތަ ފަނޑިޔާރަކަށް ނުވަތަ ކޯޓުގެ ހިންގުމާބެހޭ މުވައްޒަފަކަށްް އިހާނަތްތެރިވާފަދަ ބަހެއްބުނުން ނުވަތަ ޢަމަލެއްކުރުން. 9) ކޯޓުތެރޭގައި ނޭދެވޭ ހަޑިހުތުރު ބަސް ބޭނުންކުރުމާއި، އަދަބާއި ޚިލާފު ޢަމަލުކުރުމާއި، ކޯޓުގެ ޙުރުމަތާ އެކަށީގެން ނުވާ ފަދަ ހެދުން އަޅައިގެން ކޯޓަށް ޙާޟިރުވުން. 10) ފަނޑިޔާރެއްގެ ނުވަތަ ކޯޓުގެ މުވައްޒަފެއްގެ ގަޔަށް އެމީހެއްގެ ނުރުހުމުގައި އަތްލުން ނުވަތަ އެމީހެއްގެ މުދަލަކަށް ގެއްލުން ދިނުން. 11) ކޯޓަށް ޙާޟިރުވެ ހުރި އެއްވެސް މީހެއްގެ ގަޔަށް އެމީހެއްގެ ނުރުހުމުގައި އަތްލުން ނުވަތަ އެމީހެއްގެ މުދަލަކަށް ގެއްލުން ދިނުން. 12) ކޯޓުގެ މުދަލަކަށް ގެއްލުމެއް ދިނުން. 13) ކޯޓުގެ ހުއްދައާ ނުލައި، އަޑު ނުވަތަ މަންޒަރު ރެކޯޑްކުރެވޭ، ނުވަތަ ފޮޓޯނެގޭ އެއްވެސް ވަޞީލަތެއް ޝަރީޢަތުގެ މަޖިލިހަށް ވެއްދުން.

ސުވާލު: ކޯޓުގެ ޙުރުމަތް ކަނޑާލައިފި މީހަކާމެދު އެޅިދާނެ ފިޔަވަޅުތަކަކީ ކޮބާ؟ ނުވަތަ އެފަދަ މީހަކަށް ދެވޭނެ އަދަބަކީ ކޮބާ؟

ޖަވާބު: އެއްވެސް ފަރާތަކުން ކޯޓުގެ ޙުރުމަތް ކަނޑާލައިފިނަމަ، ޤާނޫނުލް ޢުޤޫބާތުގެ 85، 87، 88 މިއިން މާއްދާއެއްގެ ދަށުން އަދަބު ކަނޑައެޅުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ މަޢުލޫމާތު އެންމެންނަށްވެސް ލިބޭނެތަ؟ ސުޕްރީމް ކޯޓުގެ ހުރިހާ ނިންމުމެއްވެސް ސުޕްރީމް ކޯޓުގެ ވެބް ސައިޓު www.supremecourt.gov.mv އިން ލިބެން ހުންނާނެއެވެ.

ސުވާލު: ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރަނީ ކިހިނެތް؟

ޖަވާބު: ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްފަރާތް ކަމުގައިވާ ރައީސުލް ޖުމްހޫރިއްޔާއެވެ. މިގޮތަށް ރައީސުލް ޖުމްހޫރިއްޔާ ޢައްޔަންކުރާ ފަނޑިޔާރުން ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާގެ މަތީން ފަނޑިޔާރުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު، މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވާ މެމްބަރުންގެ އަޣުލަބިއްޔަތުން ނަންތައް ފާސްވުމުން އެބައެކެވެ.

ސުވާލު: ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢައްޔަންކުރެވެނީ ކިހިނެތް؟

ޖަވާބު: ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެކޭވެސް އެއްފަދައިން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަކު ޢައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްފަރާތް ކަމުގައިވާ ރައީސުލް ޖުމްހޫރިއްޔާއެވެ. މިގޮތަށް ރައީސުލް ޖުމްހޫރިއްޔާ ޢައްޔަންކުރާ މީހަކު ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާގެ މަތީން ކަނޑައަޅާ ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު، މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވާ މެމްބަރުންގެ އަޣުލަބިއްޔަތުން އެނަމެއް ފާސްވުމުންނެވެ. އިންތިޤާލީ މަރުޙަލާގައި އުއްތަމަ ފަނޑިޔާރަކު ޢައްޔަންކުރާނީ ސުޕްރީމް ކޯޓަށް ޢައްޔަންކުރާ ފަނޑިޔާރުންގެ ތެރެއިން އެ މަސްއޫލިއްޔަތު އަދާކުރުމަށް އެފަނޑިޔާރުން ކަނޑައަޅާ ފަރާތެކެވެ.

ސުވާލު: ސުޕްރީމް ކޯޓަށް ޢައްޔަންކުރެވޭ ފަނޑިޔާރުންގައި ހުންނަންޖެހޭ ވަކި ޝަރުޠުތަކެއްވޭތަ؟

ޖަވާބު: ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރާނީ ފަނޑިޔާރުކަމުގެ މަޤާމަށް ބޭނުންވާވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ، އަޚުލާޤު ރަގަޅު، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އުފުލޭފަދަ ޤާބިލު މީހުންނެވެ. މިފަދަ މީހުން ކަނޑައެޅުމުގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވޭތޯ ބަލާނެއެވެ. (1) ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން 7 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. (2) އިސްލާމީ ޝަރީޢަތް ނުވަތަ ޤާނޫނީ ދާއިރާއިން ތަޢުލީމް ލިބިފައިވުން. (3) ސުންނަތް ޖަމާޢަތުގެ މުސްލިމަކުކަމުގައިވުން. (4) ޢުމުރުން 30 އަހަރު ފުރިފައިވުން. (5) އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައިނުވުން. (6) ބުއްދި ސަލާމަތުން ހުރި މީހަކުކަމުގައިވުން.